ބޯޑަރު ބަންދު ކުރާކަށް ނިންމާފައި ނުވޭ: ސަރުކާރު

ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ކޮވިޑް-19ގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަމަށް ބުނެ ވަކި މީޑިއާއަކުން މިއަދު ފަތުރާފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މަބްރޫކު ވިދާޅުވީ ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އެތައް ދިވެހިން ތިއްބާ ރާއްޖޭގެ ބޯޑަރު ބަންދު ކުރާކަމަށް ހަބަރު ފެތުރުމުން އެތައް ބަޔަކަށް ހާސްކަން ކުރިމަތިވެފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ރާއްޖޭގެ ހާލަތު ހުރި ގޮތުން އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

“ރާއްޖޭގެ ބޯޑަރުތައް ބަންދުކުރާ ވާހަކައަކީ ހަމަ ކަނޑައެޅިގެން ދޮގެއް، އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ހާލަތު މި ދަނީ ބަލަމުން، އަދި އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިދަނީ އެޅުނު އެންމެ ރަނގަޅަކަށް އަޅަމުން، މިކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ނެތް،” މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު އަންނަ ފްލައިޓްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ ވެސް ގުޅިގެން ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް މަދެވެ. ރާއްޖެއިން ވެސް ވަނީ ޔޫރަޕްގެ ސްޕެއިން، އިޓަލީ، ޖާމަނީ އަދި ފްރާންސްއިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އަދި ޗައިނާއިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ. އެއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކެވެ.

އިއްޔެ ރާއްޖެއަށް އެކި ގައުމުތަކުން ރާއްޖެއަށް ޖުމްލަ އެތެރެވެފައިވަނީ 187 މީހެކެވެ. އޭގެ ތެރެއިން 133 މީހަކީ ޓޫރިސްޓުންނެވެ.

ބޯޑަރު ބަންދު ކުރުމަށް މިފަހުން ގިނަ ބަޔަކު ގޮވާލި އެވެ. އެގޮތަށް ގޮވާލީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!