މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ސީރިއަސްވެ ލޮކްޑައުން ކޮށްފި ނަމަ ދަތިނުވެ ކާބޯތަކެތި ލިބޭނެ ގޮތް ހަދައި، އެ ހާލަތަށް ތައްޔާރުވުމަށް ޕްލޭންތައް ހަދަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ލޮކްޑައުން ކޮށްފިނަމަ އެ ސަރަހައްދުތައް ބަލަހައްޓާނީ ޒޯންތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެ 16 ޒޯނަކަށް ބަހާލާފައިވާއިރު ހުޅުމާލެ ހައެއް އަދި ވިލިމާލެ އާއި ތިލަފުށި ވަކި ޒޯނަކަށް ބަހާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކޮންމެ ޒޯނެއްގައި ވަކި އިންސިޑެންޓް ކޮމާންޑް ޕޯސްޓު ހަދައި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ އެހީތެރިން ވެސް އެ ތަންތަނުގައި ހަރަކާތްތެރިވާނެ އެވެ.
އުމަރު ވިދާޅުވީ ލޮކްޑައުން ކޮށްފައި ހުންނަ މުއްދަތުގައި އެ ސަރަހައްދުގައި ހުންނަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދޭނީ އެ ޕޯސްޓެއް މެދުވެރިކޮށް ކަމަށެވެ.
“މި ސެކްޓާތައް އަދި ފުލީ އެކްޓިވޭޓް ނުވި ނމަވެސް އަޅުގަނޑުމެން ތައްޔާރުވެ މި ތިބީ މާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައި ނޫނީ ވިލިމާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައި އެ ސެކްޓާއެއްގައި ހިމެނޭ އޭރިއާއެއްގެ ކޮމިއުނިޓީ ސަޕޯޓު، އިންސިޑެންޓް ކޮމާންޑް ސެޓަޕެއް އެކްޓިވޭޓްވާ ވަރަށް ތައްޔާރުވެގެން ތިބުމަށް،” އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލްކުރަން ކަމާބެހޭ އިދާރާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ އެކަން ކޮންޓްރޯލްކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ވިސްނައި ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިހާރު މާލެ ސަރަހައްދުގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓީންކޮށްފައި ހުންނައިރު ގެއަށް ބޭނުންވާ ޒަރޫރީ އެއްޗެހި ފޯރުކޮށްދިނުމަށް ފިހާރަތަކާ ވާހަކަދައްކާފައިވާ ކަމަށެވެ. މިހާރު ވެސް މާލެ ސަރަހައްދުން 350 ފިހާރައަކާ ވާހަކަދައްކައި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގިނަ ތަންތަނުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ވައިރަސް ފެތުރޭ ހާލަތުގައި ހޮސްޕިޓަލުން އާއްމުކޮށް ދޭ ހިދުމަތްތައް މަދުކުރާނެ ކަމަށެވެ.