ކޮވިޑް-19: ރާއްޖޭގެ ބޯޑަރު މުޅިން ބަންދުކުރަން ސަރުކާރުން މަޝްވަރާކޮށްފި

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ބާރަށް ފެތުރޭތީ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި ވާތީ، ރާއްޖޭގެ ބޯޑަރު މުޅިން ބަންދުކުރަން ސަރުކާރުން މިއަދު މަޝްވަރާކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނިންމުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ ސަރުކާރުން މިއަދު މަޝްވަރާ ކުރި އެވެ. އަދި ހުރިހާ މަތިންދާބޯޓެއް ހުއްޓައިލަން ނިންމުމާ ހިސާބަށް މިހާރު ވަނީ އާދެވިފަ އެވެ. އެކަމަކު ސަރުކާރުން އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި، ރާއްޖެ އިން އެކަމާ މެދު މާދަމާ ގޮތެއް ނިންމައި އިއުލާން ކުރާނެ އެވެ.

ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ބޯޑަރު ބަންދުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން ރާއްޖެ އިން ވަނީ ގިނަ ގައުމުތަކަކާ ދެމެދު ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓައިލައިފަ އެވެ. އަދި ބައެއް އެއާލައިން ތަކުން ވަނީ އަމިއްލައަށް ދަތުރުތައް ހުއްޓާލައިފަ އެވެ. އެހެންވެ، ރާއްޖެ އަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ ދެތިން ސަތޭކައާ ހަމަައަށް ވެއްޓިފަ އެވެ. މީގެ ކުރިން ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު 5،000 އަށް ވުރެ ގިނަ ދަތުރުވެރިން އާދެ އެވެ.

ރާއްޖެ އަށް މިހާރު ސަފާރީތަކާއި ޔޮޓްތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ޗައިނާގެ ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް މިހާރު ވަނީ ފެތުރިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދާ ހަމައަށް އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 395,694 އަށް އަރައިފަ އެވެ. އަދި އެ ވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބަބުން މަރުވި މީހުންގެ އަދަދަކީ 17,234 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!