ސްރީލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާ މިނިސްޓަރ ޝާހިދު ފޯނުން ވާހަކަފުޅު ދައްކަވައިފި

ސްރީލަންކާ އަދި ނޯވޭގެ ޚާރިޖީ ވަޒީރުންނާއި ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މަޝްވަރާކުރައްވަފިއެވެ.

ލަންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނަ އާއި ފޯނުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާއަކީ ދިވެހިންގެ “ދެވަނަ ވަޒަން”ކަމުގައި ދެކޭ ޤައުމެއްކަން ފާހަގަކުރައްވައި، އެޤައުމުގައި ތިބި ދިވެހިންނަށް ސްރީލަންކާއިން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ސްރީލަންކާ ރައްޔިތުންގެ ޙާލު ދިވެހި ސަރުކާރުން ބަލަމުން ގެންދާނެކަމުގެ ޔަޤީންކަން ލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.

މުޅި ދުނިޔޭގައިވެސް އަދި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކުރައްވައި، މިބައްޔާ ދެކޮޅަށް ލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފްކުރެއްވިއެވެ. އަދި ޙާލަތު ތަންދިން މިންވަރަކުން މިދަނޑިވަޅުގައިވެސް ދެޤައުމުގެ މެދުގައި ސޮއިކުރެވިފައިވާ ވިސާގެ އެއްބަސްވުންތައް ދަމަހައްޓަމުން ގެންދިޔުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަވަޑައިގެންނެވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ސްރީލަންކާގެ ޚާރިޖީ ވަޒީރާ ހިއްސާކުރައްވަމުން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ބޭނުންވެއްޖެ ޙާލަތެއްގައި ސްރީލަންކާއިން ސިއްހީ ދާއިރާގެ މާހިރުން ރާއްޖެއަށް ފޯރުކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި މިފަދަ އެހީތެރިކަމަކަށް ރާއްޖެއިން އެދިއްޖެ ޙާލަތެއްގައި އެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު އީން އެރިކްސަން ސޯރެއިޑާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލް ދެއްވާފައެވެ. އަދި ނޯވޭގެ ޚާރިޖީ ވަޒީރު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް އެޤައުމުން އަޅަމުންދާ ފިޔަވަޅުތަކާ އެޤައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ނޯވޭއަށް ފޯރުކޮށްދެވުނު އެހީތެރިކަމެއް މިދަނޑިވަޅުގައި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!