ކޮވިޑް-19: ދެ މީހެއްގެ ގައިން އަލާމާތްތަކެއް ފެނުމުން ރީތި ބީޗު މޮނީޓަރިންއަށް

ރީތި ބީޗު ރިސޯޓުން ބިދޭސީއަކާއި ދިވެއްސެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިފައިވާތީ އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މީގެ ކުރިން ވެސް އެ ރިސޯޓްގެ ބިދޭސީއެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ލޮކްޑައުން ކުރި އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވުމުން ރިސޯޓްގެ ލޮކްޑައުން ދޫކޮށްލި އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ރިސޯޓްގެ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި، ޓެސްޓް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މިހާރު ލޮކްޑައުންގައި އޮތީ ރީތި ބީޗް ރިސޯޓް އެކަންޏެވެ. އެހެން ލޮކްޑައުންކުރި ރިސޯޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ ލޮކްޑައުންއިން އެތަންތަން ވަނީ ނަގާފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!