ކޮވިޑް-19 ފެތުރޭލެއް ހަލުއިކަމުން ޑަބްލިއުއެޗްއޯ އަށް ވެސް ހާސްކަން

ކޮރޯނާވައިރަސް ފެތުރޭ ހަލުއި މިނަށް ބަލައި ޑަބްލިއުއެޗްއޯ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން ނެގީ 67 ދުވަހެވެ. ނަމަވެސް އެއް ލައްކަ އިން ދެ ލައްކަ އަށް އަރަން ނެގީ 11 ދުވަހެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަސް ތެރޭގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔުސެސް ވިދާޅުވީ ބަލި ފެތުރޭ ގޮތުގެ ޗާޓް އަދިވެސް ބަދަލު ކުރެވިދާނެ ކަމަށެވެ. އެކަމަށްޓަކައި ގައުމުތަކުން މިހާރުވެސް ކުރަމުން ގެންދާ ޓެސްޓް ކުރުމާއި ކޮންޓެކްޓް-ޓްރޭސިންގެ މަސައްކަތް ހަރުދަނާކޮށް ފުޅާ ކުރުމަށް އެދިވަޑައިގެންނެވި އެވެ.

“ކާމިޔާބު ލިބޭނީ ކުރާ މަސައްކަތަކުން. ފުޓުބޯޅަ މެޗެއް ކާމިޔާބެއް ނުކުރެވޭނެ ހަމައެކަނި ދިފާއަށް ކުޅެގެން. އެޓޭކް ވެސް ކުރަން ޖެހޭނެ،” ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު “ކިކް އައުޓް ކޮރޯނާވައިރަސް” ކެމްޕޭން ފަށަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ގޭގައި ތިބުމަށާއި ފިޒިކަލް ޑިސްޓެންސިންގެ ފިޔަވަޅުތައް އެޅުމަކީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅުތައް ކަމަށާއި ނަމަވެސް އެއީ “ދިފާއީ ފިޔަވަޅުތައް” ކަމަށެވެ.

“ވައިރަހާ ދެކޮޅަށް ކާމިޔާބު ހޯދަން ބޭނުން ނަމަ އެޓޭކް ކުރަން ޖެހޭ. ޝައްކުވާ ކޮންމެ މީހަކު ޓެސްޓް ކުރަން ޖެހޭ. ޕޮޒިޓިވްވާ ކޮންމެ މީހަކު އެކަހެރިކޮށް ރަނގަޅަށް ފަރުވާ ދޭން ޖެހޭ. ކްލޯޒް ކޮންޓެކްޓެއްވާ ނަމަ ކަރަންޓީން ކުރަން ޖެހޭ،” ޓެޑްރޯސް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ބަލި މީހުންނަށް ފަރުވާ ދޭ ސިއްހީ އެހީތެރިންނަށް ކޮވިޑް-19 ޖެހޭ މިންވަރު އިތުރުވާތީ ޓެޑްރޯސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!