ދައުލަތުގެ ބަޖެޓުން ގޭބިސީތަކަށް 50 މިލިއަން ރުފިޔާ ބަހަން ޖެހޭ: ޖާބިރު

ރާއްޖޭގެ މުއްސަނދިކަން އިތުރު ކުރުމަށް ގޭބިސީތަކަށް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ބަހަން ޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރޭ ގޮވާލައްވައިފިއެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ސަރުކާރުން 50 މިލިއަން ރުފިއާ ބަހަން ޖެހޭ ކަމަށާއި، އަދި ރާއްޖޭގެ ރިސޯޓުތައް ބަންދުކުރިޔަ ނުދިނުމަށްޓަކައި ބޭރުގެ މިލިއަންނަރުންނަށް އެއީ “ރައްކާތެރި ސުވަރުގެ”އެއް ގޮތުގައި ވިއްކަން ޖެހޭ ކަމަށެވެ.

މިއީ އިގްތިސާދު ދަށްވިޔަ ނުދީ ރާއްޖެ މުއްސަނދިކުރަން ވީ ވަގުތު ކަމަށް ޖާބިރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު އަދަދު މަދުވިޔަސް، ރާއްޖޭގެ އިގްތިސާދަށް އެންމެ ގިނަ ފައިސާ ވަންނަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ އިންތިހާއަށް ދަށްވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމާ މުހާތަބް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ވައިރަހުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް އިގްތިސާދަށް ލިބޭނެ ގައުމަކަށް ރާއްޖެ ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަން ދަށަށްދާ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ގިނަ ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބުކިންތައް ކެންސަލް ވަމުންދާ ނިސްބަތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 12 އިންސައްތަ އާއި 10 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ގްރޮސް ޑޮމެސްޓިކް ޕްރޮފިޓް (ޖީޑީޕީ) ދަށަށް ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!