ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ދުނިޔޭގައި އަދި ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮވިޑް-19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފައެވެ. ހަމައެއާއެކު ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ދެ ބޭފުޅުން ހިއްސާ ކުރެއްވިއެވެ.
މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.
ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަނެއްކާވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ އަދި ކުއްލި ޙާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.
އަދި ކޮވިޑް-19 ފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޮވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.