ލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވިފައި ސްރީލަންކާގައި ތިބި ދިވެހިން ގެންނަން އިނަ މޯލްޑިވްސް ހޮލިޑޭސް އިން ރާއްޖެ އަށް ފްލައިޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްސް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ލަންކާގައި ތިބި ގިނަ ބަޔަކު އަންނަން އެދެމުންދާ ކަމަށާ، އެހެން ކަމުން ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން ހާއްސަ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

“ވަރަށް ގިނަ ބަޔަކު އެބަ އެދޭ ރާއްޖެ އަންނަން. އެކަމަށްޓަކައި ސްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ވެސް މި ދަނީ ވާހަކަ ދެކެވެމުން. މި ބަލަނީ މި މަހުގެ 25 އާއި 27 ގައި ފްލައިޓު ބާއްވަން،” ފިރާގު ވިދާޅުވި އެވެ.

ސްރީލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ރޯގާ ސްރީލަންކާގައި ވެސް ވަނީ ފެތުރިފަ އެވެ. އޭގެ ސަބަބުން އެ ގައުމަށް ފްލައިޓްތަކުގެ ދަތުރުތައް މަނާކޮށް، ކާފިއު ހިންގާފައި ވެއެވެ.

ކޮވިޑް-19 ރޯގާ އާއްމުންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށް ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީން އަކަށް ދާން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. ރާއްޖެ އަންނަ ދިވެހިން ކަރަންޓީންގައި ބޭތިއްބުމަށްޓަކައި 10 ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ވަނީ ހަމަ ޖައްސާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!