ކޮވިޑް-19: މަރުވި މީހުންގެ އަދަދު 16000 އަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު 16514 އަށް އަރައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 195 ގައުމަކުން ކޮވިޑަ-19 ފެނިފައިވާއިރު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 378859 އަށް އަރާފައެވެ. މީގެ ތެރެއިން 102069 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު 12062 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިޓަލީވިލާތުން 63927 މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު 6077 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އިޓަލީވިލާތުގެ އާބާދީއަށް ބަލާއިރު ކޮންމެ 1 މިލިއަން މީހަކުން 1057 މީހަކީ ކޮވިޑް-19ގެ ޕޭޝަންޓްއެކެވެ. ޕޮޒިޓިވްވި ކޮންމެ 10 މީހަކުން 1 އަކީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިއެކެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 7432 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއަށް ބަލާއިރު އެގައުމުން މިހާތަނަށް 81171 މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު 3277 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމެރިކާއަށް ބަލާއިރު 43734 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 553 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 295 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

މެދުއިރުމަތީގެ މަސްރަހުން އީރާނަށް ބަލާއިރު 23049 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 1812 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. 8376 މީހަކު އީރާނުން ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު އެގައުމުގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 12861 ކޭހެކެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ޕާކިސްތާނުގައެވެ. އެގައުމުން 875 މީހަކު ޕޮޒިޓިވްވެފައިވާއިރު 5 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އިންޑިއާއިން 499 މީހަކު ޕޮޒިޓިވްވެފައިވާއިރު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަކަށް އަރާފައެވެ. ސްރީލަންކާއިން 97 މީހަކު ޕޮޒިޓިވްވެފައިވާއިރު 2 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މި ބަލީގައި އެގައުމުން މީހަކު މަރުވިކަމަކަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާއަށް ބަލާއިރު 1518 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 159 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު މަރުވި މީހުންގެ އަދަދު 14 އަށް ވަނީ އަރާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ބަލީގެ ނުރައްކާ ކުޑަވެ، ފެތުރުން ކޮންޓްރޯލްވެފައިވާކަމަށް ރެކޯޑްތަތަކުން ނުދައްކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!