ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ އެތައް މުވައްޒިފުންނެއްވެސް ހިމެނެއެވެ.
އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުން ރާއްޖެ އަންނަ މަޝްހޫރު ތަރިންނާއެކު ސެލްފީ ނަގާ ހަދައެވެ.
ރޭ އެމްއޭސީއެލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފަސިންޖަރުންނާއެކު ސެލްފީ ނުނެގުމަށް މުވައްޒިފުންގެ ކިބައިން އެދިފައެވެ.
މި ދުވަސްވަރު ގައިގޯޅިވެ ފޮޓޯ ނެގުން ރައްކާތެރި ނޫން ކަމަށާ އަދި މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށްވެސް މުވައްޒިފުންނަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.