ޝާހީ އާއިލާގެ ސްޓާފެއް ކޮވިޑް-19އަށް ޕޮޒިޓިވް

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދިރިއުޅޭ ‘ބަކިންގަމް ޕެލަސް’ގައި މަސައްކަތްކުރާ ސްޓާފެއް ކޮރޯނާވައިރަހަށް ފައްސިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަދި އެ މީހާއަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް ޝައްކުވެފައި ވަނީ ރާނީ އެލިޒަބަތު (ދެވަނަ) ވެސް ގަނޑުވަރުގައި އުޅުއްވަނިކޮށްކަމަށް ‘ދަ ސަން’ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެހެންނަމަވެސް އެ މީހާގެ އެއްވެސް މަޢުލޫމާތެއް ހިއްސާކުރަން ގަނޑުވަރުން ވަނީ ދެކޮޅުހަދާފައެވެ. އަދި އެއީ ކުއީން އެލިޒަބަތުއާ ކިހާ ގާތްކަމެއް އޮންނަ މީހެއް ކަމެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. “މިކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ދަނީ އެޅެމުން” ގަނޑުވަރުގެ ރެޕްރެޒެންޓޭޓިވެއް ބުނެފައިވެއެވެ. އެގޮތުން ކޮރޯނާވައިރަހަށް ފައްސިވި ސްޓާފާ ކޮންޓެކްޓުވި އެންމެންވެސް ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް އޭނާ މަޢުލޫމާތުދެއެވެ.

ކުއީން އެލިޒަބަތު ‘ބަކިންގަމް ޕެލެސް’ ދޫކުރުއްވައި ވިންޑްސޯގައި ހުންނަ ގަނޑުވަރަށް ބަދަލުވެވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ އެކަމަނާ ލަންޑަނުން ބޭރަށް ވަޑައިގަތުމަށް އެންމެ ފުރަތަމަ ރޭއްވެވި ތާރީޚަށްވުރެ އެއް ހަފްތާ އަވަސް ތާރީޚެކެވެ. އެހެންނަމަވެސް އެކަމަނާ ކޮވިޑް-19 އަށް ޓެސްޓުކުރައްވާފައިވާ ކަމެއް މިހާތަނަށް އަދި ސާފެއް ނޫނެވެ. މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަހާ ގުޅިގެން ކުއީން އެލިޒަބަތު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން އެކަމަނާ އާންމުންނާ މުޚާތަބުކޮށް ވިދާޅުވީ، އެކަކު އަނެކެއްގެ ހާލު ބެލުމަށް އިތުރު ގޮތްތައް ހޯދައިގެން، އެކަހެރިވެ ތިބުމަށެވެ. އަދި ޝާހީ އާއިލާގެ ފަރާތުން ވެވެން އޮތް އެހީއެއް ވުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!