ނުރައްކާތެރި ކޮވިޑް-19އަށް ފައްސިވެފައިވާ ހޮލީވުޑުގެ މަޝްހޫރު ތަރި ޓޮމް ހޭންކްސާއި އޭނާގެ އަންހެނުން ރީޓާ ވިލްސަން އެ ބަލިން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފިއެވެ. އެގޮތުން 63 އަހަރުގެ ފިލްމީތަރި ވަނީ މިކަން ޓްވިޓާގައި މިއަދު އިޢުލާނުކޮށްފައެވެ.
މި ޓްވީޓުގައި ޓޮމް ހޭންކްސް ބުނެފައިވަނީ، ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނުންތާ ދެހަފްތާ ވެފައިވާއިރު، މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އޭގެ އިތުރު ތަފްސީލަކަށް ނުގޮސް ދެން ބުނެފައިވަނީ، ބޭރަށް ނުނުކުމެ އަމިއްލަޔަށް އެކަހެރިވެގެން ހުރެއްޖެނަމަ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބަޔާންކޮށްފައިވަނީ، އެހެން މީހުންނާ ދުރުގައި ހުރެއްޖެނަމަ ތިމާގެ ގައިން ވައިރަސް އެހެން މީހަކަށް ނުފޯރާނެ ކަމަށާއި، އަދި އެހެން މީހެއްގެ ގައިން ތިމާއަށްވެސް ނުފޯރާނެކަމަށެވެ.
“މިކަމުން އެއްކޮށް އަރައިގަތުމަށް ވަގުތު ނަގާނެ، އެކަމަކު އެކަކު އަނެކަކަށް އަޅާލައި، އެހީ ވެވެން އޮތް ކޮންމެ ދަނޑިވަޅެއްގައި އެހީވެ، ބައެއް ކަހަލަ އުފާތައް ޤުރުބާން ކޮށްގެން މިކަން ވާނެ. މިއީ ފިލައިދާނެ ކަމަށް. އަހަރެމެންނަށް މިކަން ވާނެ.” އެންމެންނަށް ހިތްވަރުދެމުން ޓޮމް ހޭންކްސް ވަނީ އޭނާގެ ޓުވީޓު ކުރުކޮށްލައިފައެވެ.
‘ބްރިޖް އޮފް ސްޕައިސް’ ފަދަ އެތައް މަޤުބޫލު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ތަރިއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އޮސްޓްރޭލިޔާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އެއީ އެ ޤައުމުގައި ކުރިއަށްދާ އެލްވިސް ޕްރެސްލީއާ ގުޅޭ ފިލްމެއްގެ ޝޫޓިންގް ގައި މަސައްކަތް ކުރަނިކޮށް ކަމަށް ޓޮމް ހޭންކްސް ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ކޮވިޑް-19 ފެތުރުން ހުއްޓެންދެން މި ފިލްމުގެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލައިފައެވެ.