ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް އައްޔަންކޮށްފިއެވެ.
މި ކޮމެޓީއަކީ ކޮވިޑް19 ވައިރަހާއި ގުޅިގެން އެކުލަވާލަން ނިންމި ކޮމެޓީއެކެވެ. އެ ކޮމެޓީ އެކުލަވާލަން ނިންމީ މި މަހުގެ 19ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިއުޓީއޯއިން “ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން”ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައެވެ.
މި ކޮމިޓީގައި ހިމެނޭ ފަރާތްތަކުން ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވާނެއެވެ. އަދި ޤައުމުތަކުގެ ހާލަތުތައް ބަލާ ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
ރާއްޖެއިން ދަނީ ޔޫއެންޑަބްލިއުޓީއޯގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ރޯލެއް އަދާކުރަމުންނެވެ. އެގޮތުން
ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ރިޔާސަތު ބަލަހައްޓާ ޤައުމަކީވެސް ރާއްޖެއެވެ.