ކޮވިޑް-19 ސާކް އިމަޖެންސީ ރިލީފް ފަންޑަށް ތިން ގައުމަކުން 7.5 މިލިއަން ޑޮލަރު ހަދިޔާކުރަނީ

މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ވަބާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ އިސްނެގުމަށް އުފެއްދި ސާކް ކޮވިޑް 19 އިމަޖެންސީ ރިލީފް ފަންޑަށް ސްރީލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނުން 7.5 މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފި އެވެ.

މިކަން ހާމަ ކުރަށްވާ އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވަކިވަކިން ތިން ގައުމުގެ ވެރިންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓުތަކެއް ކުރައްވާފައިއެވެ. އެގޮތުން އެ ފަންޑަށް އަފްގާނިސްތާނުން އެއް މިލިއަން ޑޮލަރު ހަދިޔާ ކުރައްވާއިރު، ސްރީ ލަންކާއިން ފަސް މިލިއަން ޑޮލަރު ހަދިޔާ ކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ބަންގްލަދޭޝުން 1.5 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާނެކަން މޯދީގެ ޓުވީޓުގައި ވަނީ ހާމަކުރައްވާފެއެވެ.

ކޮވިޑް 19 އިމަޖެންސީ ރިލީފް ފަންޑު އުފައްދަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސްނެންގެވުމަށް މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަންޑު އުފައްދައި އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ފަންޑަށް ޖަމާކޮށްފައެވެ. ހަމަ އެޔާއެކު މިހާތަނަށް އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައިވަނީ ވެސް އިންޑިއާއިންނެވެ.

މީގެ އިތުރުން ރާއްޖެ، ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާނުން ވަނީ ފައިސާގެ އެހީ ހުށަހަޅުއްވާފައެވެ. ރާއްޖެއިން އެ ފަންޑަށް ދެ ލައްކަ އެމެރިކާ ޑޮލަރު ޖަމާކުރަން ވަނީ ނިންމާފައިއެވެ.

އެކި ގައުމު ތަކުން މިހާތަނަށް އިމަޖެންސީ ރިލީފް ފަންޑަށް މުޅި ޖުމުލަ 19 މިލިއަން ޑޮލަރު މިވަނީ ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!