ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން: ޗައިނާ ސަފީރު

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް އެހޯ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.


ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް ފޮނުވާނެ ފްލައިޓެއް ބަލަމުންދާކަމަށެވެ. ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ އެހެން ފްލައިޓްތައްވެސް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.


ޗައިނާ ސަފީރުގެ ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ.

އެހެންނަމަވެސް އަވަސް މުސްތަޤްބަލެއްގައި މި އެހީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!