ފޮޓޯ: ސީއެންއެމް

ކޮވިޑް-19: ހަކުރާހުރާ ކޭސް: ގިނަ ބަޔަކު އައިސޮލޭޓް ކޮށްފި

ކޮވިޑް-19އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާއާ އެއާޕޯޓުން ކޮންޓެކްޓްވި ބަޔަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ހަކުރާ ހުރާއިން އެކަހެރި ކުރި މީހާގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ.

ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އެކަހެރިކުރެވިފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، އޭނާއާ ބައްދަލުވި ބައެއް ދިރިއުޅޭ ދެ ގެއެއް ކަރަންޓީނުކޮށްފައިވާ ކަމަށް މަބުރޫކު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި ހުރި ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު އެބަތިއްބެވެ.

ދެ ގެއަށް ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓާ ކުރަމުންދާނީ އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށާއި، އެމީހުންގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ވެސް ފެންނާތީ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!