ކޮވިޑް-19: މާލޭގެ ދެ ގެއެއް ލޮކްޑައުންކޮށް، މޮނިޓަރިންގެ ހާލަތަށް

މާލޭގެ ދެ އިމާރާތެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ދެ ގެ ލޮކްޑައުންކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު އެބަތިއްބެވެ.

ފެލައިނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.

މަބުރޫކު މީގެކުރިން ވަނީ ފެލައިނީއާ ކޮންޓެކްޓްވި އެއްވެސް ފަރާތެއްވާނަމަ، އެކަން އަމިއްލައަށް އެޗްޕީއޭއަށް އެންގުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެއީ އޭނާއާ ސަލާމްކުރި މީހެއް ކަމުގައި ވިޔަސް އެކަން އިސްވެ އެންގުމަށް އެދިވަޑައިގަތެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!