ކޮވިޑް-19: ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.  މިއާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފަ އެވެ.

އަލަށް ކޮވިޑް-19 އިން ރަނގަޅުވެފައިވާ ދެ މީހުންނަކީ ކޮން ބައެއްކަން މިއަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މީގެކުރިން ކޮވިޑް-19އިން ރަނގަޅުވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޑޮކްޓަރެވެ. އެ ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ ވެސް އިޓަލީ ޓޫރިސްޓެއް މެދުވެރިކޮށެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ގިނަ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަފުތާއެއް ވަނީ ވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!