ފޮޓޯ: ގޫގުލް

ކުޑަކުދިން އެއްވެސް ވަރަކަށް ބޭރަށް ނުނެރުމަށް ޑރ އަފީފް އިލްތިމާސް ކުރައްވައިފި

މިދުވަސްވަރު ކުޑަކުދިން އެއްވެސް ވަރަކަށް ބޭރަށް ނުނެރުމަށް ޑރ އަފީފް އިލްތިމާސް ކުރައްވައިފިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަބްދުﷲ އަފީފް ވިދާޅުވީ މިދުވަސްވަރަކީ އެއްވެސް އުމުރެއްގެ މީހުން ބޭރަށް ނުކުމެ އުޅުން ރަނގަޅު ދުވަސްވަރެއް ނޫން ކަމަށެވެ.

ދިވެހިންނަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބައެއް އާންމުން ދައްކަމުންދާ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްކަން ފާހަގަކުރައްވައި ޑރ އަފީފް ވިދާޅުވީ މިބައްޔަކީ މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްްޔެއް ކަމަށެވެ. އެހެންކަމުން، މީގެކުރިން އެެހެން ބައްޔެއްގެ ފަރުވާއަށް ޖަހާފައިވާ ވެކްސިނަކުން މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބައްޔަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ބަލި ޖެހިދާނެކަމަށް ރައްކާތެރިވެ ތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި ޑރ އަފީފް ވަނީ ކަމާގުޅޭ އިދާރާތަކުން ދެއްވާ އިރުޝާތުތަަކަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ކޮރޯނާ ވައިރަހުގެ އިތުރަށް ބައެއް އެހެނިހެން ރޯގާތައްވެސް ފެތުރެމުންދާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ޑރ އަފީފް ވިދާޅުވީ، ކުޑަކުދިން އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަަށެވެ. ޑޭ ކެއަރ ފަދަ ތަންތަނަށް ކުދިން ގެންދިޔުން މަޑުޖައްސާލުމަށްވެސް އަފީފް ވަނީ އެދިވަޑައިގެނޤފައެވެ.

އެންމެ އިސްކަން ދޭންވީ ކަމަކި ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަމުގައި ޑރ އަފީފް ވިދާޅުވިއެވެ. ސްކޫލްތައްވެސް ބަންދުކުރި މައިގނަޑު ބޭނުމަކީ އެއްކުއްޖަކު އަނެއްކުއްޖަކާ ކޮންޓެކްޓްވާނެ ފުރުސަތު ހަނިކުރުން ކަމުގައި ވިދާޅުވިއެވެ.

ޑރ އަފީފް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ހުރިހާކަމެއް ކުރިއަށްދާނީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫންކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް، އެންމެ އިސްކަންދޭންޖެހޭ ކަމަކީ ކަމާ ގުޅުންހުރި އިދާރާތަކުން އަންގާ އެންގުންތަކަށް ތަބާވުން ކަމަށެވެ.

ޑރ އަފީފް ވިދާޅުވީ މިދުވަސްވަރު އެންމެ އިސްކަންދޭންވީ ކަމަކީ އާންމު ސާފުތާހިރުކަން ކަމަށެވެ. އެގޮތުން ގިނަ ގިނައިން އަތް ދޮވުމަށާއި ސެނެޓައިޒާ ގެންގުޅޭ މީހުން ސެނެޓައިޒާ ބޭނުންކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!