ސޯޝަލް ޑިސްޓެންސިންގް އާ ގުޅޭގޮތުން އުފެދޭ އާންމު ސުވާލާއި ޖަވާބު

‘ސޯޝަލް ޑިސްޓެންސިންގް’ އަކީ ބައްޔެއް ފެތުރުނަ ނުދޭން އަޅާ ފިޔަވަޅުތަކަކަށް ބޭނުންކުރާ ސިއްޙީ ނަމެކެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި، ގޭގައި މަޑުކުރުން ހިމެނެއެވެ. މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގެ ސަބަބުން، މިކަން މިދުވަސްވަރު ވަނީ ފަރުދީ ޒިންމާއަކަށް ވެފައެވެ. މިގޮތުން ސޯޝަލް ޑިސްޓެންސިންގާ ގުޅިގެން ގިނަބައެއްގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކާއި، އޭގެ ޖަވާބުތަކަށް މިފަހަރު އަލިއަޅުވައިލާނަމެވެ.

ކައިވެނި ޕާޓީ ނުވަތަ އުފަންދުވަހުގެ ޕާޓީ ކެންސަލް ކުރަންވީތަ؟

އެއީ 50އަށް ވުރެ ގިނަމީހުން ހާޒިރުވާނެ ޕާޓީއެއްނަމަ، ރަނގަޅު ގޮތަކީ ޕާޓީ ފަސްކޮށްލުމެވެ. ސަބަބަކީ، ގިނަ އަދަދެއްގެ މީހުން ދާ ތަނެއް ނަމަ ޖާގަ ކުޑަވެ، އެންމެން ފުނިޖެހޭ ގޮތް ވުމެވެ. އެހެންނަމަވެސް، ކުރިން ބައިން ފައިސާ ދައްކައި، ހުރިހާ ޚަރަދެއް ނިންމާފައި އޮތް ޕާޓީއެއް ނަމަ، މެހުމާނުންގެ ލިސްޓު ކުރުކޮށްލާށެވެ. އެހެންނޫނަސް، މިދުވަސްވަރު ޕާޓީތަކަށް ދާ މީހުންވެސް މަދުވާނެއެވެ.

މުހިންމު ހާލަތެއްގައި ބޭރަށް ދާނަމަ، ކިހާ ވަރަކަށް އަތްދޮންނަން ޖެހޭނެ؟

ކޮންމެތަނަކަށް ދިޔަސް، އެތަނެއްގައި ވައިރަސް ހުރެދާނެ ކަމަށް ސަމާލުވާށެވެ. އަދި އެއްޗެއްގައި ނުވަތަ ތަނެއްގައި އަތްލެވޭ ކޮންމެ ފަހަރަކު އަތްދޮންނާށެވެ. އެވަގުތެއްގައި އަތްދޮވެވެން ނެތް ނަމަ، ސެނިޓައިޒާ އުނގުޅައިލާށެވެ. އަދި ގެއަށް ވަންނަ ގޮތަށް އިތުރު އެއްޗެއްގައި އަތްނުލައި، އެންމެ ފުރަތަމަވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮންނަން ހަނދާން ބަހައްޓާށެވެ.

އެއް ގެއެއްގައި އެއްހަފަރާ ކިތައް މީހުންނަށް ތިބެވޭނެ؟

ގޭގައި އުޅޭ މީހުންގެ އަދަދަށްވުރެ މުހިންމީ ތަނުގެ ޖާގައަށެވެ. އެހެންނަމަވެސް މި ތިން ކަމަށް ވިސްނައިލައްޗެވެ: ފުރަތަމަ ކަމަކަށް، އެއްތަނެއްގައި ކިތައް މީހުން އުޅޭތޯ ބަލާށެވެ. ދެވަނަ ކަމަކަށް، އެންމެންގެ މެދުގައި ކިހާ ޖާގައެއް އޮވޭތޯއެވެ. ފަހު ކަމަކަށް، ތަނުގެ ވައިބޭރުވާ މިންވަރަށް ބަލާށެވެ. މިކަމާ ބެހޭ މާހިރުން އިރުޝާދު ދެނީ ވީހާވެސް ރަނގަޅަށް ވައިބޭރުވާ ނިޒާމެއް ހުންނަ ތަނެއްގައި ތިބުމަށެވެ. އަދި އެންމެން އެއްތަނަކަށް ބޮނޑިވެ ތިބުމުގެ ބަދަލުގައި، ވަކި ދުރުމިނެއް ބަހައްޓާށެވެ.

ގޭގައި އުޅޭ މީހުންނާ ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަންޖެހޭތަ؟

ގޭގައި އުޅޭ އެންމެންނާ ކޮންމެހެން ހަ ފޫޓުގެ ދުރުމިނެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އެވަރުގެ ދުރުމިނެއް ބަހައްޓަން ޖެހޭނީ، ކޮންމެވެސް އެކެއްގެ ގައިން ބަލީގެ އަލާމަތްތައް ފެންނަ ނަމައެވެ. އާންމުކޮށް މާލޭގައި  ދިރިއުޅޭ ގިނަ މީހުން އުޅެނީ ވަރަށް ކުދި ކުދި ތަންތަނުގައި ކަން ފާހަގަ ކުރެވެއެވެ. ވީމާ، ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުން ފަސޭހައެއް ނުވާނެއެވެ.  އޭގެ ބަދަލުގައި، އެކަށީގެންވާ ވަރެއްގެ ދުރުމިނެއް ބެހެއްޓުމުން ރަނގަޅު ވާނެއެވެ.

ބަލިވެއްޖެ ނަމަ ފިރިމީހާ/އަނބިމިހާ ނުވަތަ ދަރިންނާ ދުރުވާންވީތަ؟  

ޖަވާބު ވަރަށް ސާފެވެ. ބަލިވެއްޖެނަމަ، ނުވަތަ ބަލީގެ ކިރިޔާވެސް އަލާމާތެއް ފެންނަ ނަމަ އެކަހެރިވާށެވެ. އެގޮތުން އެކަނި ކޮޓަރިއެއްގައި ބަންދުވެގެން ހުރުމަށް ސިއްޙީ މާހިރުން އިލްތިމާސްކުރެއެވެ.

ފިހާރަތައް ތޮއްޖެހިފައި ހުންނައިރު ނުގޮސް މަޑުކުރަންވީތަ؟

ކޮންމެހެން ގަންނަން ޖެހޭ މުހިންމު އެއްޗެއް ގަންނަން ނޫން ގޮތެއްގައި ފިހާރަތަކަށް ދިޔުން ބުއްދިވެރިއެއް ނޫނެވެ. އަދި ޙާއްސަކޮށް އުމުރުން ދުވަސްވީ މީހުން އެއްގޮތަކަށްވެސް މީހުން ގިނަ ފިހާރަތަކަށް ނުވަދެ ވޭތޯ ބެލުމަށް އިރުޝާދު ދެއެވެ.

ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާނަމަ ހޮސްޕިޓަލަށް ދެވޭނެތަ؟

ކެންސަރު، ހިތުގެ ބަލިތައް، ނުވަތަ ހަކުރުބަލީގެ މީހުންނަކީ ވަރަށް ގިނައިން ހޮސްޕިޓަލަށް ދާންޖެހޭ ބައެކެވެ. އަދި މިއީ ޒަރޫރީ ކަމަކަށް ވުމުން، ނުގޮސް ދޫކޮށްލެވޭކަށް ނޯވެއެވެ. އެހެންނަމަވެސް، ވެގެން ވަންޏާ، 3 މަހަށް ވާ ވަރަށް ބޭސް ނަގައިގެން ގޭގައި މަޑުކޮށްލުން މާ ރަނގަޅު ވާނެ ކަމަށް މާހިރުން ބުނެއެވެ. ކޮންމެހެންވެސް ދާން ޖެހޭ ޙާލަތުގައި ހުރި މީހެއް ނަމަ، ހޮސްޕިޓަލަށް ވަންނަ އިރު މާސްކެއް އަޅާށެވެ. އަދި ގިނަގިނައިން އަތްދޮވެ، ސެނިޓައިޒްކުރުމަށް ސަމާލުކަން ދޭށެވެ.

ބޭރުން އޯޑަރުކޮށްގެން ގެންނަ ކާނާގައި ވައިރަސް ހުރެދާނެތަ؟

ކާބޯތަކެއްޗަކީ ވައިރަސް ފޯރުކޮށްދިނުމަށް އެހާ ވަރުގަދަ ވަސީލަތެއް ނޫނެވެ. އަދި ކޮވިޑް-19 އަކީ އާންމުކޮށް ގައިން ގަޔަށް އަރާ ޒާތުގެ ވައިރަހަކަށް ވުމުން، ކާއެއްޗެހިން ވައިރަސް އެރުމަކީ ވުމަށް ވުރެއް ނުވުން ގާތް ކަމަކެވެ. އެހެންނަމަވެސް، ސާފުތާހިރުކަމަށް ބޮޑަށް އިތުބާރުހިފޭ ތަންތަނުން ކާބޯތަކެތި އޯޑަރު ކުރުމަށް ސަމާލުކަންދޭށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!