ގޮވަނީ ލޮކްޑައުން ކުރަން ފެންނަނީ މަގުމަތިން

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖެ ލޮކްޑައުންކުރަން ގޮވާލާ މީހުން ގިނަޔަސް ބަހާއި އަމަލާ ދިމާ ނުވާ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ރާއްޖޭން ފެނުމާއެކު ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމުގެ ބަދަލުގައި މާލޭ މަގުމަތިން ފެންނަނީ އާންމު އުސޫލަށް މީހުން ނިކުމެ އުޅޭ މަންޒަރެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ގޮވަނީ ރާއްޖެ ލޮކްޑައުން ކުރުމަށެވެ.

ކޮވިޑް-19 ބެހޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. “އަޅުގަނޑުމެންނަން ފާހަގަވި ރޭގަ ވެސް މިއަދުވެސް މާލެ މަގުމަތީގަ ވަރަށް ދުއްވާ އެއްޗެހިވެސް ގިނަ ވަރަށް ކާރުބާރުވެސް ބޮޑު، އަޅުގަނޑަކަށް ނޭނގެ މިވަނީ ކިހިނެއް ކަމެއް، ލޮކްޑައުންއަށް ނުގޮސްގެން ވަރަށް ގިނަ ބޭފުޅުން ވާހަކަދައްކާނެ، އަޑުއުފުލާނެ، އެކަމަކު އެންމެން ވެސް މަގުމަތީގަ މި އުޅެނީ، ބަހާއި އަމަލާ ދިމައެއް ނުވޭ އެއްވެސް ވަރަކަށް”

ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ދުވަސްކޮޅެއް ވީމާ އެންމެން ވެސް ހަމަޖެހެނީ ކަމަށް ވެސް ވެދާނެ ކަމަށާއި، ނަމަވެސް މިއީ އެހެން އޮތް ކަމެއް ނޫން ކަމަށާއި ތިން މީހަކު ރަނގަޅު ވިޔަސް ފަރުވާ ކުޑަކުރެވެން ނެތް ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މި އަމާން ދަނޑިވަޅު ކޮންމެ ފަދަ ވަގުތެއްގައި ކޮންމެ ގޮތަކަށް ވެސް ބަދަލުވެދާނެ ކަމަށް ވެސް ޑރ. ނަޒްލާ އިންޒާރު ދެއްވި އެވެ.

ބަޔަކު ބަލިން ރަނގަޅުވެ ބައްޔަށް މީހަކު ޕޮޒިޓިވް ނުވާތާ ދުވަސްކޮޅެއް ވެފައި ވިޔަސް، ޑޮކްޓަރުންނާއި މިކަމުގެ ޓެކްނިކަލް ޓީމުން އަދި ސަރުކާރުގެ ފަރާތުން އަޅަމުން އަންނަ ފިޔަވަޅު ވެސް މަދުކޮށް ލުއި ނުކުރާ ކަމަށާއި، އަދިވެސް ދަނީ ކުރިއަށް އޮތް ތަނަށް ވިސްނާ ފިޔަވަޅުތައް ވަރުގަދަކުރަމުންކަން ޑރ.ނަޒްލާ ފާހަގަކުރެއްވި އެވެ.

“ފުރަތަމަ އަޅުގަނޑުމެން ރާއްޖެ އިން ބޭރުން އަންނަ މީހުން އައިސޮލޭޓް ނުކުރަން، މިހާރު މި ކުރަނީ، އަދި މިހާރު ސީދާ ކަރަންޓީން ފެސިލިޓީތަކަށް މި ގެންދަނީ، އެހެންވީމާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކަންވަމުންދާ ގޮތަށް ބަލާފައި އަޅުގަނޑުމެންނަށް އަދި ހަމަޖެހިގެން ތިބެވޭކަށް ނެތް،” ޑރ.ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގޭގައި މަޑުކުރުމަށް އެދެނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ކަމަށެވެ. ބަލި ޖެހިފައި ހުންނަ މީހާގެ ގައިން އަލާމާތްތައް ފެންނަން ވެސް ދުވަސްކޮޅެއް ނަގާ ކަމަށާއި އަދި ބައެއް ފަހަރު އަލާމާތްތައް ނުފެނިވެސްދާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެފަދަ ހާލަތުގައި ހުންނަ މީހަކު، މީހުން އެއްވާ އެތައް ތަނަކަށް ގޮސް އައުމަށް ފަހު އެމީހަކު ޕޮޒިޓިވްކަން އެނގޭ އިރު އޮންނަނީ ފަގުތު ފާއިތުވެފަ އެވެ. ޑރ.ނަޒްލާ ވަނީ ރާއްޖެއިން ބޭރުގެ އެތައް ގައުމަކަށް ދިމާވި މި ހާލަތު ރާއްޖެއަށް ދިމާވިޔަ ނުދިނުމަށް އެންމެން ވެސް ގޭގައި ތިބުމަށް އެދިވަޑައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!