އެކްތާ ކަޕޫރު އަތްދޮންނަ ވީޑިއޯއަކަށް ފާޑުކިޔުން އަމާޒުވެއްޖެ

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް އާންމުން އަހުލުވެރިކުރުމުގެ ގޮތުން މަޝްހޫރު މީހުން އަންނަނީ މީސްމީޑިއާގައި އެކި ޗެލެންޖުތައް ހަދައި، ބައިވެރިވަމުންނެވެ. އޭގެތެރެއިން މިފަހުން އިންޑިއާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ޓްވިޓާގައި ހިއްސާކުރި ވީޑިއޯއަކަށެވެ.

“ސޭފްހޭންޑްސްޗެލެންޖު”ގެ ހޭޝްޓެގު ބޭނުންކޮށްގެން ޓްވިޓާގައި މަޝްހޫރު މީހުން އަތްދޮންނަ ވީޑިއޯ ހިއްސާކުރަނިކޮށް، އެކްތާ ކަޕޫރުވެސް ދާދި ފަހުން ވަނީ މި ޗެލެންޖަށް ނޮމިނޭޓު ވެފައެވެ. އެއާއެކު އޭނާ ވަނީ އަތްދޮންނަ ވީޑިއޯއެއް އާންމުންނާ ހިއްސާކޮށްފައެވެ.

އެހެންނަމަވެސް، ގިނަބަޔަކު އަންނަނީ މި ވީޑިއޯ ޓުވިޓާގައި ރީޓުވީޓުކޮށް، ޖޯކުޖަހައި ފާޑުކިޔަމުންނެވެ. ސަބަބަކީ، މި ވީޑިއޯގައި އެކްތާ އަތްދޮންނަން ހުރި އިރު، އޭނާގެ ދެއަތް ފުރެންދެން ގަހަނާ އަޅާފައި ހުރުމުންނެވެ. ގިނަބަޔަކަށް މިކަން ވީ ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. އެގޮތުން، މުއްސަނދިން އަތްދޮންނަ އިރުވެސް، އެމީހުންގެ ފޮނިކަން ދައްކަން އުޅޭކަން ހާމަވާ ކަމަށް އެއްބަޔަކު ބުނެފައިވެއެވެ.

“އަހަރެން ދުވަހަކުވެސް މީނަޔާ ސަލާމެއް ނުކުރާނަން. މީނަގެ އަނގޮއްޓިތަކާ އަތުއަޅާ އެއްޗެހި ރަނގަޅަށް ސެނިޓައިޒް ނުވާނެކަން އަހަންނަށް ޔަޤީން”، އެކަކު ލިޔެފައިވެއެވެ. މީގެ އިތުރުންވެސް، މަޖާ އެއްޗެހި ކިޔައި، މި ވީޑިއޯއަށް ޖޯކު ޖަހާފައިވާ މީހުން އެބަތިއްބެވެ. އެކްތާ ކަޕޫރަކީ ދޭތެރެ ދޭތެރެއިން ޓުވިޓާގައި މީހުންގެ ފާޑުކިޔުން އަމާޒުވާ މީހެއްކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާއަކީ އެކަހަލަ ފާޑުކިޔުންތަކަށް ރައްދުވެސް ދޭ މީހެކެވެ. ނަމަވެސް މިފަހަރު އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކަށް މިހާތަނަށް އަދި ރައްދު ދީފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!