ކޮވިޑް-19އާ ދެކޮޅަށް ރިއާނާ 5 މިލިއަން ޑޮލަރު ހަދިޔާކުރަނީ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިއާނާ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެހީވުމުގެ ގޮތުން 5 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ އޭނާގެ ފައުންޑޭޝަނެއް ކަމަށްވާ ‘ކްލޭރާ ލިއޮނަލް ފައުންޑޭޝަން’ގެ ވެބްސައިޓުގައެވެ.

ރިއާނާގެ މި ދީލަތި އެހީ ލިބޭ ފަރާތްތަކުގެ ތެރޭގައި، ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި ހަރަކާތްތެރިވާ ސިއްޙީ އެހީތެރިންނާއި، ހެއިޓީ އަދި މަލާވީ ފަދަ ޤައުމުތަކުގެ ކެއާ ފެސިލިޓީތަކާއި، އެމެރިކާގެ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

އަދި މީގެ އިތުރުން، ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް އީޖާދުކުރުމަށްވެސް މި ފައިސާއިން ބައެއް ފޯރުކޮށްދޭނެ ކަމަށް ވެއެވެ. “އެންމެ ހާލުގައި އުޅޭ މީހުންނާއި ސިއްޙީ އާލަތްތައް ނުލިބޭ މީހުންނަށް އެހީވުމަށް މިއަށްވުރެ މުހިންމު ދަނޑިވަޅެއް އަދި ނާދޭ”، ‘ކްލޭރާ ލިޔޮނަލް ފައުންޑޭޝަން’ގެ އެގްޒެކެޓިވް ޑިރެކްޓަރު ޖަސްޓިން ލޫކަސް ބުނެފައިވެއެވެ.

ރިއާނާ މި ފައުންޑޭޝަން އުފައްދާފައިވަނީ 2012 ވަނަ އަހަރެވެ. އަދި މިއީ ކުއްލި ޙާލަތުގެ ވަގުތުތަކުގައި އެހީވުމުގެ ނިޔަތުގައި އޭނާ ހުޅުވި ފައުންޑޭޝަނެކެވެ. މީގެ ކުރިންވެސް މި ފައުންޑޭޝަނުން ވަނީ އެކި ކަންކަމުގައި އެހީ ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!