އަނުޝްކާއާއި ވިރާޓް ކޮވިޑް-19 އަށް އާންމުން ހޭލުންތެރިކުރުވަނީ

އިންޑިއާގެ އެންމެ މަޤުބޫލު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި، ފިލްމީ ތަރި އަނުޝްކާ ޝަރުމާ، މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހަށް މީހުން ހޭލުންތެރިކުރުވުމަށް އެހީތެރިވެއްޖެއެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން އަނުޝްކާ ވަނީ އިންސްޓަގްރާމުގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މި ވީޑިއޯއިން ފެންނަނީ އަނުޝްކާއާއި ފިރިމީހާ ވިރާޓު އެކީގައި ތިބެގެން، ކޮރޯނާވައިރަހާ ބެހޭގޮތުން ވާހަކަ ދައްކާ ތަނެވެ. މިއީ ކިހާ އުނދަގޫ ދަނޑިވަޅެއްކަން އެނގޭ ކަމަށް ވިރާޓު ބުނުމުން، އަނުޝްކާ ވަނީ އެންމެން އެކުގައި މި ވަބާއިން އަރައިގަންނަން މަސައްކަތްކުރުމަށް ހިތްވަރުދީފައެވެ. “އަހަރެމެން ގޭގަ މިތިބެނީ އަހަރެމެންގެ އަމިއްލަ ރައްކާތެރިކަމަށާއި، އެހެން މީހުންގެ ރައްކާތެރި ކަމަށް. ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ތި އެންމެން ވެސް ކަންތައްކުރަންވީ މިހެން”، އަނުޝްކާ ބުނެފައިވެއެވެ.

އަނުޝްކާ ވީޑިއޯ ހިއްސާކުރިތާ އިރުކޮޅެއް ފަހުން ވިރާޓުވެސް ވަނީ އޭނާގެ އިންސްޓަގްރާމުގައި މި ވީޑިއޯ ހިއްސާކޮށްފައެވެ. އަނުޝްކާގެ ވީޑިއޯ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. މިއީ އިންޑިއާގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ވަގުތެއްގައި، މަޝްހޫރު މީހުން އެމީހުންގެ މަޝްހޫރުކަމުގެ ބޭނުން ހިފަންޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށްބުނެ، ގިނަބަޔަކު ވަނީ މި ދެމަފިރިންނަށް ޝުކުރު އަދާކޮށް، ތަޢުރީފުކޮށްފައެވެ. އިންޑިއާގައި މިހާތަނަށް ވަނީ 300 އެއްހާ މީހުން ކޮރޯނާވައިރަހަށް ފައްސިވެފައެވެ. އަދި މި މަހުގެ 22 އިން ފެށިގެން މުޅި އިންޑިއާގައި ކާފިއު އިޢުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!