ކޮވިޑް-19 އާ ދެކޮޅަށް “މުޒާހަރާ” ކުރުމުގެ ގޮތުން އަންހެނަކު ފްރީޒަރެއްގައި ދޫލައިފި

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގައި، އަންހެނަކު ފިހާރައެއްގެ ފްރީޒަރުގެ އަތްގަނޑުގައި ދޫލައިފިއެވެ. އޭނާ މި އަމަލު ހިންގާފައިވަނީ، ކޮރޯނާވައިރަހާ ދެކޮޅަށް ނުރުހުންފާޅު ކުރުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޝްފީލްޑްގައި ހުންނަ ‘ފުޑް ފެސްޓިވަލް’ ނަމަކަށް ކިޔާ ފިހާރައިގެ މެނޭޖަރު ރިޕޯޓުކޮށްފައިވާ ގޮތުންނަމަ، އޭނާއަށް އެ މަންޒަރު ފެނިފައިވަނީ އެ ފިހާރައިގެ ފްރީޒަރުތައް ހުންނަ ދިމާލުގައި ހުރެގެން އަތްގަނޑުތައް ސެނިޓައިޒް ކުރަމުންދަނިކޮށެވެ. “އެ އަންހެން މީހާ އަހަންނާ ދިމާލަށް ބަލަން ހުރެފަ އަތްގަނޑެއްގަ ދޫލީ” މި އާދަޔާޚިލާފު ހާދިސާ ކިޔައިދެމުން މެނޭޖަރު ބުންޏެވެ.

އެއަށްފަހު މެނޭޖަރު ވަނީ ވަގުތުން އެ އަތްގަނޑު ސާފުކޮށް، ފުލުހުންނަށް ގުޅާފައެވެ. 53 އަހަރުގެ އެ އަންހެން މީހާ ފަހުން ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާ އެކަން ކޮށްފައިވަނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ދެކޮޅަށް ނުރުހުންފާޅުކުރުމުގެ ގޮތުންނެވެ. ނަމަވެސް މީގެ ކުރިން އެކަހަލަ ކަމެއް ކޮށްފައިނުވާނެ ކަމަށާއި، އޭނާއަށް ކުރެވިފައިވަނީ ނޭދެވޭ އަމަލެއް ކަމަށް އެއްބަސްވެފައިވެއެވެ.

ސިއްޙީ މާހިރުން ލަފާދެނީ އާންމު ތަންތަނުގައި ހުންނަ ތަޅުތަކާއި، އަތްގަނޑުތައް ބަރާބަރަށް ސެނިޓައިޒްކޮށްފައި ބެހެއްޓުމަށެވެ. ނޫންނަމަ ވަރަށް ފަސޭހައިން ވައިރަސް ފެތުރިގެންދާނެ ކަމަށް އިންޒާރުދެއެވެ. މިފަހުން މީސްމީޑިއާގެ އިންފްލުއެންސާއެއް ވަނީ ފްލައިޓެއްގައި ހުރި ފާހަނަތަށްޓެއްގައި ދޫލާތަން ވީޑީއޯކޮށް، “ކޮރޯނާވައިރަސް ޗެލެންޖު” ހޭޝްޓެގަކަށް ބޭނުންކޮށްގެންމަޝްހޫރުވާން މަސައްކަތްކޮށްފައެވެ. މި ޗެލެންޖުގައި މަދުބަޔަކު ބައިވެރިވެސްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!