އޭޑީކޭ ހޮސޕިޓަލަގައި ފާރުގައި ހުންނަ ސެނެޓައިޒާ ފުޅިތަށް ވަގަށްނަގައިފި

އޭޑީކޭ ހޮސްޕިޓަލުގައި ހަރުކޮށްފައި ހުންނަ ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ މައްސަލަ ބޮޑުވެގެން، އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސެނިޓައިޒާ ފުޅިއެއް ދަބަހަކަށް ލައިގެން ގެންދާ މީހެއްގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ މާސްކެއް އަޅައިގެން ހުންނަ ފިރިހެނަކު ގޮނޑިއެއްގައި އިށީނުމަށް ފަހު، ފާރުގައި ހަރުކޮށްފައި އިން ސެނިޓައިޒާ ފުޅިއެއް ނަގައި، ދަބަހަށް ލައިގެން ގެންދާ ތަނެވެ.

އޭޑީކޭއިން ބުނީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ސެނިޓައިޒާ ފުޅިތައް ހަރުކޮށްފައި ހުންނަނަނީ އެ ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ ހުރިހާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަކަށެވެ. މި ދުވަސްވަރު ސެނެޓައިޒާ ލިބުމުގައި ދަތިތަކެއް އުޅުނު ކަމަށް ވިޔަސް ހޮސްޕިޓަލުތަކުން އެ ތަކެތި ވަގަށް ނެގުން ފަދަ ދަށު ދަރައިގެ ކަންކަން ނުކުރުމަށް އެދޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ރާއްޖޭން ފެންނަން ފެށި ފަހުން، ފިހާރަތަކުންނާއި ފާމަސީތަކުން ސެނެޓައިޒާ ފަދަ ތަކެތި ލިބުން ވަނީ ދަތިވެފަ އެވެ. އެ ތަކެއްޗަށް ޑިމާންޑު ބޮޑުވުމުން ބައެއް ތަންތަނުން އަގުބޮޑުކޮށް އެ ތަކެތި ވިއްކަމުންދާ ކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ.

ސަރުކާރުން ވަނީ ބަލި މީހުން ބޭނުން ކުރުމަށްޓަކައި އެ ތަކެތި ބެހެއްޓުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް ފިހާރަތަކުން ގިނަ އަދަދެއްގެ މީހުން އަދިވެސް ސެނެޓައިޒާ މާސްކް ގެންދަނީ ގަނެ ރައްކާ ކުރަމުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހަކާއި، ސަފާރީއެއްގައި ތިބި ދެ މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!