ބޭރުގައި ތިބި، އަދި ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލުއި ގޮތްތައް ހޯދައިދެވޭތޯ ދަނީ މަސައްކަތްކުރަމުން: ފޮރިން މިނިސްޓްރީ

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ހިދުމަތް ފޯރުކޮށްދިނުމަށް، މި މިނިސްޓްރީންނާއި ބޭރު ޤައުމުތަކުގައި ޤާއިމް ކުރެވިފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހިންނަށް ލުއި ގޮތްތައް ހޯދައިދެވޭތޯ ދަނީ މަސައްކަތްކުރަމުން ކަމަށް ފޮރިން މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

އަދި މި ދަނޑިވަޅުގައި ބޭރު ޤައުމުތަކުގައި ދިރިއުޅުމުގައާއި ބޭރު ޤައުމުތަކުން ދަތުރު ކުރުމުގައާއި އެ ޤައުމުތަކަށް ދިޔުމުގައި ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަ ކޮށް މިނިސްޓްރީން ދަނީ މިފަދަ ދަތިތަކާ ގުޅޭ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ދަތިތައް ދިމާވާނެކަން އެންމެންވެސް ޤަބޫލުކުރާނެކަމަށް ޔަޤީންކުރާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ސަރުކާރުން ވަނީ ނިންމާފައިއެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް މި މިނިސްޓްރީ އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެމިނީސްޓްރީ އެދެއެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި ބޭރު ޤައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިންގ މިނިސްތްރީން އިލްތިމާސްކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!