ބަތަލާ ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޓެސްޓު ކުރަނީ

ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ އިތުރު މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އޭނާގެ ޓެސްޓްތައް ހަދައި އެ ރިސޯޓް އަނެއްކާވެސް ލޮކްޑައުންކޮށްފި އެވެ.

މީގެކުރިން ބަތަލާ ރިސޯޓްގެ ދެ ބިދޭސީ ޓޫރިސްޓެއްގެ ފަރާތުން ކޮވިޑް-19 ބަލި ފެނުނެވެ. އެ ދެ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އެ ދެ މީހުން ވެސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

ބަތަލާ ރިސޯޓް، މީގެކުރިން އެ ދެ މީހުންގެ ނަތީޖާ ޕޮޒިޓިވްވުމުން ލޮކްޑައުންކުރި އެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ނިންމައި، ބަޔަކު އެކަހެރިކުރުމަށްފަހު ރިސޯޓް ހުޅުވާލި އެވެ.

އަލަށް އަލާމާތްތައް ފެނުނު މީހާގެ ސާމްޕަލް ނަގާފައިވާއިރު އެ ޓެސްޓްގެ ނަތީޖާ އަދި ނުލިބެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ނެގެޓިވްވެފަ އެވެ. ފަރުވާދެމުން ދަނީ 10 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!