ކޮވިޑަށް ފަރުވާދިން އިތުރު މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު އަނެއްކާވެސް ރަނގަޅު ވެއްޖެ ކަމަށް އެޗޕީއޭ އިން ދެންމެ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށް ގެންދާ ޕްރެސް ބްރީފިންގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން މި ފަހަރު ރަނގަޅުވީ ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން، ކުރެއްދޫ އައިލެންޑް ރިސޯޓުން މި މަހުގެ ހަތް ވަނަ ދުވަހު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިޔަ މީހެއް ކަމަށެވެ.

މުރާދު ވިދާޅުވީ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފަހުން ދެ ސާމްޕަލް ނެގިއިރު ވެސް އެ މީހާގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށެވެ. އެ މީހާގެ ފަހުގެ ދެ ސާމްޕަލް ނެގީ މިދިޔަ ބުދަ ދުވަހާއި އިއްޔެ އެވެ.

ރޭ ވެސް ދެ މީހަކު ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ހާމަކުރި އެވެ. އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ. ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. އެ ދެ މީހުން ވެސް ވަނީ ޑަބަލް ނެގެޓިވްވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާގެ ގައިގާ އެ ބަލި ހުއްޓާ ރާއްޖެ އެތެރެވެ، ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!