ސްޓާބަކްސް ބަންދު ނުކޮށްގެން 17000 ސްޓާފުންގެ ޕެޓިޝަނެއް

މަޝްހޫރު ކޮފީ ވިއްކާ ކުންފުނި ސްޓާބަކްސް، ވަގުތީ ގޮތުން ބަންދުކުރުމަށް އެދި އެތަނުގެ މުވައްޒަފުން “އާދޭސްކުރަން” ފަށައިފިއެވެ. މިއީ މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމުގެ ގޮތުން އެމީހުން ގޮވައިލާ ގޮވައިލުމެކެވެ.

ސްޓާބަކްސްގެ އިސް މުވައްޒަފުން ބުނީ، އެ ކުންފުނިން ކޮވިޑް-19އާ ގުޅިގެން ސާފުތާހިރުކަމަށް އިތުރަށް ބާރުއަޅާފައި ވިޔަސް، އަދިވެސް ވައިރަހުގެ ބިރު މުވައްޒަފުންގެ މެދުގައި އޮތް ކަމަށެވެ. ސަބަބަކީ، އެތަނަށް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް އެތަނުގެ އައު ޤަވާއިދުތައް ނޭނގި، ނޭދެވޭ އަމަލުތައް ހިންގަމުންދިޔުމެވެ. އޭގެތެރޭގައި ސްޓޯރތަކުގައި މަޑުކުރުކުމާއި، ކައުންޓަރުގައި ބަހައްޓާފައި ހުންނަ ތަކެތީގައި އަތްލުމާއި، ގިނަ މީހުން އެއްތަނަކަށް އެއްވެ ތިބުން ހިމެނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ކޮރޯނާވައިރަސްގެ ބިރު އެންމެ ބޮޑުވެފައި އޮތް ހިސާބުތަކުގައި ހުންނަ ސްޓާބަކްސަތައް ބަންދުކުރި ކަމުގައިވިޔަސް، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ހިސާބުތަކުގައި ހުންނަ ތަންތަނަށް ވަޒީފާއަށް ނުކުތުމަށް އެންގުމެވެ. ނޫންނަމަ އެމީހުންނަށް މުސާރަ ދިނުން މެދުކަނޑައިލައެވެ. އެހެންކަމުން ކޮންމެ ގޮތެއް ވިޔަސް ވަޒީފާއަށް ނުކުންނަން ވަނީ މުވައްޒަފުންނަށް މަޖުބޫރުވެފައެވެ.

“ކޮފީ އަކީ ޒަރޫރީ އެއްޗެއް ނޫން.” ފިލަޑެލްފިއާގެ ސްޓާބަކްސްއެއްގައި ބަރިސްތާއެއްގެ މަސައްކަތްކުރާ އާނިޔާ ޖޯންސަން ބުންޏެވެ. އަދި އޭނާ ވަނީ ސްޓާބަކްސްގެ ހުރިހާ ތަނެއް ބަންދުކުރުމަށް ގޮވައިލާ ޕެޓިޝަނެއް ތައްޔާރު ކޮށްފައެވެ. މި ޕެޓިޝަނުގައި 17000އަށްވުރެ ގިނަ މުވައްޒަފުންވަނީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ސޮއިކޮށްފައެވެ.

އާނިޔާ ޤަބޫލުކުރާ ގޮތުގައި، ސްޓާބަކްސް ބަންދުކުރުމަކީ މުވައްޒަފުންނާއި، ކަސްޓަމަރުންނަށްވެސް މިވަގުތު އެންމެ ރައްކާތެރި ގޮތެވެ. އަދި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ލިބެން ޖެހޭނެ ކަމަށް އޭނާގެ ޕެޓިޝަނުގައި ވެއެވެ.

މިވަގުތު ސްޓާބަކްސްގެ ޤަވާއިދުގައިވާ ގޮތުންނަމަ، އުޖޫރަ ލިބޭގޮތަށް ޗުއްޓީ ދެވޭނީ މުވައްޒަފަކު ކޮވިޑް-19އަށް ފައްސިވުމުން، ނުވަތަ މުވައްޒަފެއްގެ ގާތްތިމާގެ މީހަކު ފައްސިވުމުންނެވެ. މި ޗުއްޓީ ދެމިގެންދަނީ ދެ ހަފްތާއަށެވެ. ބައެއް ޙާލަތްތަކުގައި މި މުއްދަތު 26 ހަފްތާއަށްވެސް ދިގުކުރެވިދާނެއެވެ.

ކޮންމެއަކަސް، މުވައްޒަފުންގެ މި ގޮވާލުންތަކަށް ސްޓާބަކްސްއިން އަދި މިހާތަނަށް ރަސްމީ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސްޓާބަކްސްގެ ޤަވާއިދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މިހާރު ސްޓާބަކްސްގެ ހުރިހާ ތަނަކުންވެސް ކޮފީއާއި ކާއެއްޗެހި ލިބޭނީ ގެންދާ ގޮތަށެވެ. އެތަނުގައި މަޑުކޮށްގެން ކޮފީބުއިން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި އޯޑަރު ދޭން އަންނައިރު، ކައުންޓަރާ ވަކި ދުރުމިނެއް ބެހެއްޓުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީފައިވެއެވެ.

ސްޓާބަކްސްގެ އެތައް ހާސް ސްޓޯރ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. އަދި މިއީ ކޮފީ ވިއްކާ ތަންތަނުގެ ތެރެއިން އެންމެ މަޤުބުލޫ އެއް ކުންފުންޏެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!