ފުޓުބޯޅަ އާއި ކޮރޯނާ: މެޗްތައް ލަސްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގު، އިނގިރޭސި ފުޓުބޯޅަ ލީގު (އީ.އެފް.އެލް)، އެފް.އޭ ވިމެންސް ސުޕާލީގު އަދި ވިމެންސް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗުތަކެއް ފަސްކޮށްފިއެވެ. ޕްރިމިއާ ލީގުން ބުނާގޮތުގައި، މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ވަބާގެ ޙާލަތައް ބެލުމަށްފަހު، އޭޕްރިލް 4 ގައި އެލީގުގެ މެޗުތައް ފެށުމަށްވަނީ ރޭވިފައެވެ. ނަމަވެސް ކުޅިވަރު ދިރާސާކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި އޭޕްރިލް މަހު ކުރީކޮޅުގައި މުބާރާތް ފެށުމަކީ ނާދިރުކަމެކެވެ.

މިމުބާރާތް ތަކުގެ އިތުރުން، މާރިޗު 27ގައި އިޓަލީއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗާއި، އޭގެ ހަތަރު ދުވަސްފަހުން ޑެންމާކާއި ދެކޮޅަށް ކުޅުމަށް ތާވަލުކުރެވިފައިވާ އެކުވެރިކަމުގެ މެޗުވެސް ވަނީ ނުކުޅޭގޮތަށް ނިންމާފައެވެ. މިނިންމުންތައް އައިސްފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ރޭވިފައިވާ ކުޅިވަރުގެ އެތައް ހަރަކާތްތަކެއް ފަސްކުރަން އަދި ކުރިއަށް ނުގެންދިޔުމަށް ނިންމަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިގޮތުން ކުރިއަށް އޮތް ހަފުތާގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާލީގުގެ މެޗުތައްވަނީ ފަސްކޮށްފައެވެ. އިނގިރޭސިވިލާތުން ސްރީލަންކާއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ޓެސްޓް ސިލްސިލާގެ ކްރިކެޓް މެޗްތައް ކެންސަލްކޮށްފައި ވާއިރު ގޮލްފްސް ޕްލޭޔާސް ޗެމްޕިއަންޝިޕްގެ ކުޅުންވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި މާސްޓާސްގެ ކުޅުންވަނީ ފަސްކޮށްފައެވެ. ވިއެޓްނާމް ގްރޭންޑް ޕްރިކްސް، ފޯމިއުލާ 1 ން ކެންސަލްކޮށްފައިވާއިރު ފޯމިއުލާ އީ ވަނީ ދެމަސްދުވަހަށް މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން ޕެރިސް، ސޯލް އަދި ޖަކާޓާގައި ބޭއްވުމަށް ރޭވިފައިވާ ރޭސްތަކަށް އަސަރުކުރާނެއެވެ.

އިނގިރޭސި ފުޓުބޯޅަ ކުލަބު އާސެނަލްގެ މެނޭޖަރު މިކޭލް އާރޓެޓަ، ކޮވިޑް-19 ޖެހިފައިވާކަން، ބުރާސްފަތި ދުވަހު އިޢުލާނުކޮށްފައިވާއިރު ޗެލްސީގެ ކުރިއަށްކުޅޭ ކޭލަމް ހުޑްސަން އޮޑޮއި ވަނީ، މިހާރު ދުނިޔެ ފަތަޙަކުރަމުންދާ ނުރައްކާތެރި ވަބާގެ ޝިކާރައަކަށް ވެފައިވާކަމަށް ހާމަކޮށްފައެވެ. އަދި އެވަޓަންގެ ފުރަތަމަ ޓީމު ކުޅުންތެރިއެއްގެ ގައިން މިބަލީގެ އަލާމާތްތައް ފެނިފައިވާކަން އެކުލަބުންވަނީ ހާމަކޮށްފައެވެ.
އާސެނަލް އަދި ޗެލްސީގެ އިތުރުން ލެސްޓާ ސިޓީ، ބޯންމައުތު، މެންޗެސްޓާ ސިޓީ، ޔުވެންޓަސް އަދި ރިއާލް މެޑްރިޑްގެ ބައެއް ނުވަތަ ހުރިހާ ކުޅުންތެރިން އަދި މުވައްޒަފުން އަމިއްލައަށް އެކަހެރިވެފައި ވާކަމަށް އެކުލަބުތަކުން، ނިމިދިޔަ ހަފުތާގެ ކުރީކޮޅުވަނީ ހާމަކޮށްފައެވެ. މީގެއިތުރުން އިޓަލީގެ ޔުވެންޓަސްގެ މުހިންމު ދެކުޅުންތެރިން ކަމުގައިވާ ޑެނިއެލް ރުގާނީ އަދި ޕައުލޯ ޑީބަލާވަނީ ކޮވިޑް-19 ޖެހިފައިވާކަން ޔަގީންކުރެވިފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!