Masjid Ibrahim opened in Las Vegas in 2016. RNS photo Aysha Khan

މަސްޖިދް އިބްރާހީމް: އެމެރިކާގެ މުސްލިމް އަންހެނެއްގެ ހުވަފެން

މަސްޖިދް އިބްރާހީމް އަކީ، އުތުރު އެމެރިކާގައި މުސްލިމް އަންހެނަކު ހަރަދުކޮށްގެން ބިނާކުރި ފުރަތަމަ މިސްކިތެވެ. ޝަރަފް ހަސީބުﷲ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ 2016 ވަނަ އަހަރުއެވެ. މި މިސްކިތް ބިނާކުރުމަށް އޭނާ އިތުރު އެއްވެސް މީހެއްގެ އެހީއެއް ހޯދާފައެއް ނުވެއެވެ. 3 މިލިއަން އެމެރިކާ ޑޮލަރުގެ މި ފުރިހަމަ މިސްކިތް ހުންނަނީ އުތުރު އެމެރިކާގެ މަޝްހޫރު ލަސް ވޭގަސްގައެވެ.

މަސްޖިދް އިބްރާހީމްގެ ބާނީ، ޝަރަފް ހަސީބުﷲ އަކީ ޕާކިސްތާނަށް އުފަން، ފާމަސިސްޓެއްގެ އިތުރުން ރިއަލް އެސްޓޭޓް އިންވެސްޓަރެކެވެ. އުމުރުން 70 އަށްވުރެ މަތިވެފައި ވީ ނަމަވެސް އެނާގެ އަޒުމް ވަރުގަދައެވެ. މިސްކިތް ބިނާކުރުމަށް ހޭދަ ކޮށްފައިވާނީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ފައިސާއިން ކަމަށް ހަސީބުﷲ ބުންޏެވެ. އަދި ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު ކުރަން އުޅެފިނަމަ އެކަމެއް ވާނެކަން ހަސީބުﷲ ގަބޫލުކުރެއެވެ.

މަސްޖިދް އިބްރާހީމް ވެފައިވަނީ ލަސް ވޭގަސްގެ މުސްލިމުންނަށް ހަދިޔާއަކަށެވެ. ގެދޮރު ނެތް ފަގީރުންނަށާއި ރެފިއުޖީންނަށް މި މިސްކިތަކީ ބޯހިޔާވަައްސެކެވެ. އަދި އެހީއަކަށް އެދިގެން އަންނަ ކޮންމެ މީހެއްގެ އަތުގައި ހިފާ އެހީގެ އަތެކެވެ. މި މިސްކިތަކީ ހަމައެކަނި ނަމާދުކުރާ ތަނެއް ނޫނެވެ. މިތަނުގައި، ކުޑަކުދިންނަށް ކިޔަވައިދެއެވެ. ބޮޑެތި މީހުން ކިޔާނެ ދީނީ ފޮތްތަކުން ފުރިފައިވާ ކުތުބުހާނާއެއްވެސް މަސްޖިދް އިބްރާހީމްގައި ހުރެއެވެ.

މަސްޖިދް އިބްރާހީމްގެ މަސައްކަތް ފެށުނު އިރު ހަސީބުﷲއަށް ގިނަ ފާޑުކިޔުންތައް ކުރިމަތިވިއެވެ. ހުރިހާ އެންމެންވެސް ބުނަމުން ދިޔައީ އޭނާއަށް އެކަނި އެކަން ނުވާނެކަމަށެވެ. ނަމަވެސް ހަސީބުﷲ މާތް ﷲއަށް ކުރާ އިތުބާރު މާ ވަރުގަދައެވެ. އަދި ހުރިހާ ކަމެއްގައިވެސް އޭނާއަށް އެހީތެރިވަނީ މާތް ﷲ ކަން އޭނާ ގަބޫލުކުރެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!