ސްކޫލުތައް ބަންދުކުރަން ޓީޗަރުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި

ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް ސްކޫލުތަކުގެ ކިޔެވުން އަންނަ ހަފުތާގައި ބަންދުކުރަން ޓީޗަރުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގެ ކިޔެވުން ބަންދުކުރަން ޖެހޭނެ ކަމަށެވެ. އެންމެ އިސްކަމެއް ދޭން ޖެހޭނީ ޓީޗަރުންނާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހަތަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާނެ އެވެ. އެހެންވެ މިހާރު އޮތް ހާލަތުން ސްކޫލުތައް ބަންދުކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އަންނަ ހަފުތާގައި ސްކޫލުތައް ބަންދުނުކުރިއަސް، ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރާނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!