ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދަށް ޗައިނާ ރައީސް

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއީ ޕްރޮވިންސަށާއި، އެޕްރޮވިންސްގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ވޫހާން އަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވަޑައިގެންފިއެވެ.

ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ޒީގެ މިދަތުރުފުޅަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށާއި، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ހުބެއީ އާއި ވޫހާންގައި އަޅާފައިވާ ފިޔަވަޅުތައް އިނިސްޕެކްޓް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޒީގެ ދަތުރުފުޅުގައި ޑޮކްޓަރުންނާއި، ސިފައިންގެ އޮފިސަރުންނާއި، އާދައިގެ ރޭންކްތަކުގެ ސިފައިން އަދި ކޮމިއުނިޓީ ވޯކަރުންނާއި ފުލުހުންނާއި ވޮލެންޓިއަރުންނާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވި އެހެން އޮފިޝަލުންނާއި ބައްދަލު ކުރައްވާ އެފަރާތްތަކުން ކުރި މަސައްކަތައް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ބަލި މީހުންނަށް ދެމުންގެންދާ ފަރުވާތަކުގެ މައުލޫމާތު ވެސް އޮޅުން ފިލުއްވެވިއެވެ. އަދި ހުބެއީ ޕްރޮވިންސްގެ އާއްމު ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ ޚިދުމަތްތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު އިތުރަށް ސާފު ކުރެއްވިއެވެ.

ކޮވިޑް-19 ހުބެއީގައި ފެތުރެން ފެށުމާއި އެކު ޗައިނާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހުބެއީ ޕްރޮވިންސް ބަންދުކޮށް، މުޅި ޗައިނާ އަށް ބަލި ފެތުރިގެން ދިއުން ހުއްޓުވިއެވެ. ޗައިނާ އިން އަވަހަށް ހުބެއީ ޕްރޮވިންސް ބަންދު ނުކުރިނަމަ ލަފާކުރަން ވެސް ނޭނގޭ ފަދަ ބޮޑު ކާރިސާއަކަށް ކޮވިޑް-19 ގެ ބަލިމަޑުކަން ވެގެން ދިޔައީސް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!