ކޮވިޑް19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 8 އަށް!

ރާއްޖެ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެ ބަލި ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އަދަދު 8 އަށް އަރާފައި ވާއިރު، މި ބަލި މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ ރާއްޖޭގެ ތިން ރިސޯޓަކުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީސް ބަތަލާ ރިސޯޓް އަދި ކުރަމަތި އައިލެންޑް ރިސޯޓެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން މިހާތަނަށް 4 ކޭސް ފެނިފައި ވާއިރު، ބަތަލާ ރިސޯޓުން ފެނިފައިވަނީ ދެ ކޭހެވެ. އަދި ކުރަމަަތި ރިސޯޓުން ދެ ކޭހެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެ ކޭސް ކަށަވަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްދޫންނެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ބަތަލާ ރިސޯޓުން ދެ ކޭސް ކަށަވަރު ވެފައި ވާއިރު، ކުރެއްދޫން އިތުރު ދެ ކޭސް ކަށަވަރުވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އަދި ކުރަމަތި ރިސޯޓުން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން ކަށަވަރު ކުރެވިފައި ވަނީ ދާދި ދެންމެއެވެ.

މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހަމައެކަނި ބިދޭސީން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދެއެވެ. ނަމަވެސް، މި ބައްޔަށް ޝައްކު ކުރެވިގެން ވަނީ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 26 މީހަކު ކަރަންޓީނު އަދި އައިސޮލޭޓް ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. އަދި މިހާރު އިތުރު ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރަމަތި ރިސޯޓް ވެސް މިވަނީ އޮރެންޖް ސްޓޭޓަސްއަށް ބަދަލުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!