ކޮވިޑް-19: ބިދޭސީންނަށް ޚާއްސަކޮށް ފްލޫ ކްލިނިކެއް

ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި، މިރޭ ކޮވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިކްލިނިކް ހުޅުވީ ހުޅުމާލޭގެ ޕްރީ ސްކޫލުގައި ކަމަށާއި، އެއީ ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުވުނު ފްލޫ ކްލިނިކެއް ކަމަށެވެ. އަދި މިކްލިނިކުން ހެނދުނު 10 އަކުން ރޭގަނޑު 10އަކަށް ޚިދުމަތް ލިބިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ފަރުވާ ހޯދުމަށް އެއްވެސް އައިޑެންޓީއެއް ބޭނުން ނުވާނެ ކަމަށެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

މިހާރު އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!