ކޮވިޑް-19: ބުއްދިވެރި ގޮތަކީ މި ވަގުތަށް ސްކޫލްތައް ބަންދުކުރުން: ޑރ. ނިޔާފް

އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ހަ މީހަކު ރާއްޖެ އިން ވެސް ފެނިފައިވާއިރު، ބުއްދިވެރި ގޮތަކީ މި ވަގުތަށް ސްކޫލްތައް ބަންދުކުރުން ކަމަށް ކުޑަކުދިންގެ ބަަލިތަކުގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެ އެވެ.

ޓްވިޓާގައި މީހަކު ކުރި ސުވާލަކާ ގުޅިގެން ޑރ. ނިޔާފް ވިދާޅުވީ، މި ހާލަތުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައި ދެވިދާނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑރ. ނިޔާފް އެހެން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު ސޮފްވާން ޓުވިޓާގައި ކުރެއްވި ސުވާލުތަކަކާ ގުޅިގެންނެވެ.

ސޮފްވާން ސުވާލުގައި ދެ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވެ އެވެ. އެއީ ސްކޫލް ޗުއްޓީގައި ގިނަ ބަޔަކު ރާއްޖޭން ބޭރަށް ދިއުމަށް ފަހު އެނބުރި އަންނަ ވަގުތާއި ސްކޫލްތައް ހުޅުވާ ވަގުތާ ދިމާވުމެވެ. ދެވަަނަ ކަންބޮޑުވުމަކީ ސްކޫލް ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ އިރު، ޗުއްޓީ އަށް ފަހުން ރާއްޖެ އިން ބޭރުން އަންނަ ކުދިން، ހަމަ އަންނަ ގޮތަށް ސްކޫލަށް ދާން ޖެހޭނެ ކަމެވެ. އެހެންވެ، ސޮފްވާންގެ ސުވާލަކީ އެ ހާލަތުގައި ސްކޫލްތަކަށް ކުދިން ފޮނުވުމަކީ ރަނގަޅު ކަމެއްތޯ އެވެ.

“ބުއްދިވެރި ކަަމަކަށް ވާނެ [ސްކޫލްތައް] ބަންދުކުރުން. އަދި އެކަށީގެންވާ ނަަމަ އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތްތަކެއް ހޯދިދާނެ، ހާއްސަކޮށް މަތީ ގްރޭޑްތަކަށް،” އެ ސުވާލުގެ ޖަވާބުގައި ޑރ. ނިޔާފް ވިދާޅުވި އެވެ.

އެތައް ބައެއެއްގެ މެދުގައި މަގުބޫލް ޑޮކްޓަރު މި ގޮތަށް ވިދާޅުވި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ފުރަތަމަ ޓާމްގެ ބަންދަށް ފަހު، އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވުމެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަން އާދިއްތަ ދުވަހުގެ ނިޔަލަށް ސްކޫލްތައް ބަންދެވެ. އެއީ ފުރަތަމަ ޓާމުގެ ބަންދެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރަނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!