އއ.އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސަކު ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދިވެއްސެއް ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މި ރިސޯޓުން ވަނީ ވއިރަހަށް ޝައްކުކުރެވޭ ބިދޭސީއަކުވެސް އެކަހެރިކޮށްފަ އެވެ.
މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.
މިހާރު އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.