ކޮރޯނާ ވައިރަހަށް ރާއްޖޭގައި ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ބަލި ފެތުރެން ފެށީ، ބައެއްގެ އިހުމާލުންކަމަށް ކުރަމުންދާ ތުހުމަތުތައް ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިކަން ތަހުގީގުކުރަން ފަށާފައިމިވަނީ ޕްރޮސެކިޓަރ ޖެނެރަލް ހުސެއިން ޝަމީމް އަމުރު ކުރެއްވުމާ ގުޅިގެންނެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ 23 ފެބްރުއަރީގައި ރާއްޖެ އައި އެ ފަތުރުވެރިޔާގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނި، ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި އެކަމުގެ ސަބަބުން ކޮވިޑް 19 ރާއްޖޭގައި ފެތުރުމުގައި އެ ފަތުރުވެރިޔާގެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް ނާންގައި، އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ފަރުވާކުޑަކޮށް އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ސަރުކާރުން އިއްޔެ ވަނީ އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް މަޑުކޮށް، މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ގޮސްފައިވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން މާގިރި ހޮޓަލްގައި އެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 13 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ޓިކެޓިން އޮފީހުގައި މަސައްކަތް ކުރާ އެކަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.