ކުރަމަތި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ބިދޭސީ ދެމަފިރިއެއްގެ ތެރެއިން އެކެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ އެރަށަށް ވެސް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކުރަމަތި ރިސޯޓުން ފެނުނު ޝައްކު ކުރެވޭ މީހާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ރިސޯޓްގެ އިތުރުން އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި އެރަށަށް ވެސް އަރައި ފޭބުން މި ވަގުތު މަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވެ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިހާރު މާލޭގައި ވަނީ ދެ ފްލޫ ކްލިނިކް ގާއިމުކޮށްފަ އެވެ. ސެނަހިޔާގައި އެއް ކްލިނިކް ހުރި އެއީ ރާއްޖޭން ބޭރަށް ދަތުރު ނުކޮށް، އެކަމަކު ރޯގާގެ އަލާމާތް ހުންނަ މީހުންނަށް ހާއްސަ ކްލިނިކެކެވެ. އަނެއް ކްލިނިކް ހާއްސަކޮށްފައި ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރި ފަހުން ރޯގާގެ އަލާމާތް ހުންނަ މީހުންނަށެވެ. ޓްރެވަލް ކްލިނިކްގެ ނަމުގައި ހިންގާ މިތަން ހުންނާނީ ސިނަމާލެ 2 ގެ ފުރަގަހުގަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ދެ މީހުން އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓް ވެސް އޮތީ އަރައި ފޭބުން މަނާކޮށް، ބައެއް މީހުން އެ ރަށުގައި އައިސޮލޭޓް ކޮށްފަ އެވެ.