ކޮވިޑް-19: ސައުދީއަށް 11 ގައުމެއްގެ މީހުން އެތެރެވުން މަނާ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގައި ޝިއައީންގެ އާބާދީ އޮންނަ، ތެލުގެ މުއްސަނދިކަން ލިބިފައިވާ އިރުމަތީގެ ސިޓީއެއް ކަމަށްވާ ގަތީފް ކަރަންޓީންކޮށް، 11 ގައުމެއްގެ މީހުން ސައުދީ އަށް އެތެރެވުމާއި އެ ގައުމުތަކަށް ސައުދީ މީހުން ދަތުރުކުރުން މަނާކޮށްފި އެވެ.

ސައުދީ އަރަބިއާގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ގާތްގަނޑަކަށް 500،000 މީހުން ދިރިއުޅޭ، ވެރިރަށް ރިޔާޒްއާ 400 ކިލޯމީޓަރު ދުރުގައި އޮންނަ ގަތީފް ކަރަންޓީން ކުރީ ގަލްފުގެ ބައެއް ގައުމުތަކުގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އެވެ. ގިނަ މީހުންނަށް ކޮވިޑް-19 ޖެހެނީ އީރާނަށް ދަތުރުކޮށްފައި އަންނަ މީހުންގެ ފަރާތުންނެވެ. އީރާނުގެ 7،161 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެ ގައުމުން ވަނީ 237 މީހުން މަރުވެފަ އެވެ.

ސައުދީން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 20 މީހުން ޕޮޒިޓިވްވެފަ އެވެ. އެ އެންމެން ވެސް ތިބީ ގަތީފް ސިޓީގަ އެވެ. ދާޚިލީ ވުޒާރާ އިން ބުނީ ގޭސް ސްޓޭޝަންތަކާއި ފާމަސީތައް ފަދަ މުހިންމު ތަންތަން ފިޔަވައި ގަތީފްގެ ސަރުކާރުގެ ހުރިހާ މުވައްސަސާތަކުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ސައުދީން މިހާރު ވަނީ ޔޫއޭއީ، ކުވޭތު، ބަހުރޭން، ލުބުނާން، ސީރިއާ، ސައުތު ކޮރެއާ، މިސްރު، އިޓަލީ، އިރާގު އަދި އީރާނަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުގެ މީހުން ސައުދީ އަށް އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!