ފޮޓޯ: ދަ ޕްރެސް

ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ޔާމީން މިނިވަން ކުރުމުން: އިދިކޮޅު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ފަށާނެ ކަމަށް ބުނާ މަޝްވަރާގައި ބައިވެރިވާނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދޭން އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކައުންސިލް އިންތިހާބަކީ ސިޔާސީ މަސައްކަތެއް ކަމަށާއި އިންތިހާބު ފަސްކުރުމަކީ ވެސް ސިޔާސީ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ސިޔާސީ އެއްވެސް ކަމެއްގައި އިދިކޮޅު ކޯލިޝަނުން ސަރުކާރާ އެކު މަޝްވަރާއަށް ދާނީ ރައީސް ޔާމީން މިނިވަަން ކުރުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރަށް އިންތިހާބު ފަސް ކުރުމާ މެދު މަޝްވަރާއަކަށް ދިއުމަށްޓަކައި ސަރުކާރުން އިދިކޮޅު ކޯލިޝަނަށް މިހާތަނަށް ދައުވަތު ދީފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީ އިން ޖޮއިންޓް ކައުންސިލް އިން ނިންމާފައި ވަނީ އިންތިހާބު ފަސް ކުރުމަކީ ސިޔާސީ ކަމެއް ކަމަށް، އަދި ސިޔާސީ އެއްވެސް ކަމެއްގައި ސަރުކާރާ އެކު މަޝްވަރާ ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމުން، އޭގެ ފަހުގައި މަޝްވަރާ ކުރާނީ،” އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ބަލި ފެތުރުމަކީ އާންމު ސިއްހަތާ ގުޅޭ ކަމަކަށް ވުމުން އެ ކަމާ މެދު އަޅަން ޖެހޭ ފިޔަވަޅެއް ނިންމަން ވާނީ ޕަބްލިކް ހެލްތު އިން ކަމަށެވެ. ސައީދު އިޝާރާތް ކުރެއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށެވެ.

“އިލެކްޝަން ފަސް ކުރުމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނަން ވާނީ ޕަބްލިކް ހެލްތު އަށް. ޕަބްލިކް ހެލްތު އިން އެބަ ބުނޭ އާންމު އެއްވުންތައް ނުބޭއްވުމަށް. އެހެންވާނަމަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހައްގަކަށް ނުވާނެ ޕަބްލިކް ހެލްތުގެ ނިންމުމެއް ވައިލޭޓް ކުރުމަކަށް. މި ވައިރަސް މުޅި ދުނިޔޭގައި އެބަ އޮތް،” ސައީދު ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް އާންމުންގެ ތެރެއިން ބައެއް މީހުނާއި ބައެއް ސިޔާސީ އިސް ބޭފުޅުން ވެސް ދަނީ އެދެމުންނެވެ. މި ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އިންތިހާބު ފަސް ކުރަން ގޮވާލައްވާފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިސްނުން ހުރީ އިންތިހާބު ފަސް ނުކުރުމަށެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!