ބަންގްލަދޭޝްގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ބަންގްލަދޭޝް އަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ ބަންގްލަދޭޝްގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ބަންގްލަދޭޝް އަށް ދަތުރުނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މި ބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސްކުރެވެ.
ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު، އެ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ރެޒިޑެންޓް ނުވަތަ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީ ކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ޓްރެވަލް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އަދި ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ވަނީ އެދިފަ އެވެ.