ފަތުރުވެރިޔާ ފުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށްފި

ކޯވިޑް-19ގެ އަލާމާތްތައް ހުއްޓައި ފަތުރުވެރިޔަކު ކަމާބެހޭ އިދާރާތަކަށް ނޭގި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައިގައި ޝާމިލްވާ ފަރާތްތަކާމެދު ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް އަމުރު ކޮށްފިއެވެ.

ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޯވިޑް-19 ރާއްޖެއަށް ފެތުރެން ދިމާވި އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ކުރެއްދޫ ރިސޯޓުން ައި އެ ފަތުރުވެރިޔާ ކަމާބެހޭ މުއައްސަސާތަކަށް ނޭނގި ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ސަރުކާރުންވެސް ވަނީ ވިދާޅުވެފައެވެ.

އިޓަލީގެ އެ ފަތުރުވެރިޔާ ހުން އައިސް ކޯވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ވަނީ ހާމަވެފައެވެ. އަދި އޭނާ އެނބުރި ޤައުމަށް ދާން އައިސް މާލޭގެ މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ އޮފީހަށް އައިސްފައިވާކަން ހާމަވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް މީހެއްގެ ގައިން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ދިޔަ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެއާއެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!