ކޮރޯނާވައިރަސް ރާއްޖެ އަށް އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލަ އަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.
ނަޝީދު ވިދާޅުވީ އިޓަލީގެ ފްލައިޓުތައް އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ދާ ކަމަށާއި އަދި ޔޫރަޕްގެ އެ ގައުމުތަކުން އިޓަލީން މީހުން ރާއްޖެ އަށް އަންނަމުންދާ ކަމަށެވެ.
އެހެންކަމުން މި ބަލި ރާއްޖެ އަށް އަޔަނުދިނުމަށްޓަކާ ގައުމުތަކުން ބޯޓުފަހަރުތައް އައުން ހުއްޓާލަނަމަ، ހުރިހާ ގައުމަކުން ވެސް ބޯޓުފަހަރުތައް އައުން ހުއްޓާލާ މިންވަރަށް ދާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގިނަ މެންބަރުންގެ ނަޒަރުގައި ސަރުކާރުން އަޅާފައި ވަނީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އެކަމަކު ވެސް މި ގޮތަށް ދަތުރުތައް ކުރުން މަނާ ކުރުމާ ގުޅިގެން އިގްތިސާދަށް އަންނާނެ ލޮޅުމަކާ ގުޅޭ ގޮތުން ބައެއް މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.