މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އޭޑީކޭގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ އައިސީޔޫ އާއި ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނާއި ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ރޫމާއި ވޯޑް ތަކުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން ލިމިޓްކޮށްފައިވާ ކަމަށައި ބަލިމީހާ ގާތުގައި އެންމެ އެހީތެރިޔަކު މަޑުކުރަން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިތިބި ބަލި މީހުންނަށް އިއްޔެ އިން ފެށިގެން ޒިޔާރާތްނުކުރެވޭ ގޮތަށް އެ ހޮސްޕިޓަލުންވެސް ވަނީ ހަމަޖައްސައިފަ އެވެ.