ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެ ދެ މީހުންނަކީ ވެސް ކުރެއްދޫ އައިލޭންޑް ރިސޯޓުން މި ބައްޔަށް ޓެސްޓު ކުރި ދެ މީހުން ކަމަށެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 06 އަށް އަރާފައެވެ.
ރާއްޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.