ކޮވިޑް-19ގައި އައިސްދާނެ ޙާލަތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، ގޭގައި ތިބެގެންވެސް އައިޓީ އާއި ގުޅުންހުރި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ފަށައިފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީޙް ޖަމާލް މިއަދު ވަނީ ސަރުކާރުގެ އެކި މުޢައްސަސާތަކުގެ އައިޓީ ދާއިރާގައި މަސައްކަތް ކުރައްވާ މުޢައްޒަފުންނާއި ބައްދަލުކުރައްވާފާއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވީ ކާރިސާއެއް ދިމާވުމުން ވެސް މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންގަވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ހުރިހާ އޮފީތަކުގައިވެސް އިނގިލި ނިޝާން ޖަހުމުގެ ނިޒާމް ވަގުތުން ހުއްޓާލައި ޓެގް ނުވަތަ ކާޑު ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހީ ޖަމިއްޔާ އާއި ހެލްތު މިނިސްޓްރީ ނުވަތަ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ އިމަޖެންސީ އެކި ޕްލޭނުގައި، ހުދާއި ރީނދޫ އަދި ރަތް އެލާޓުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ހަމަޖައްސާފައި އޮންނަ ކަމަށެވެ.