ދޮންދަރިއަކާ ބެހުނު މީހަކު ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރާއްޖޭގެ ދެކުނު ރަށެއްގައި ހިނހި އެ ހާދިސާއާ ގުޅިގެން ފިރިހެން މީހާ 15 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނިކޮށް، ހައިކޯޓުން މިދިޔަ އަހަރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. 

ދައުލަތުން މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ 11 އަހަރުގެ ކުއްޖާ ތަހުގީގަށް ދިން ބަޔާނަކީ ތެދު ބަޔާނެއް ކަމަށެވެ. އަދި ތަހުގީގުގެ އޯޑިއޯ ގެއްލިގެން އޭގެ ދެތިން މަސް ފަހުން ދެވަނަ ފަހަރަށް އެ ކުއްޖާގެ ބަޔާން ފުލުހުން ނެގިއިރު، ކުރީގެ ބަޔާނާ ކޮންމެވެސް ތަފާތުތަކެއް ހުއްޓަސް އެއީ ނުހިނގާ ކަމެއް ކަމަށް ނުވަތަ އެ ކުއްޖާ ދެ ފަހަރު ދެގޮތަކަށް ބުނެފައިވާ ކަމަށް ބެލެވޭ ފަދަ ބޮޑު ތަފާތެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ކުއްޖާގެ މަންމަގެ ބަޔާނުގައި ވެސް، ދައުވާ ލިބުނު މީހާ، އެ ކުއްޖާއާ ބެހުނު ކަމަށް އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ކުއްޖާ ބުނުމާއި އެކަން އޭނާ އަށް އެނގުމާ އެކު، ދައުވާ ލިބުނު މީހާގެ ކޮއްކޮ ގާތުގައި އެ ކުއްޖާގެ މަންމަ އެ ވާހަކަ ކިޔައިދީފައި ވުމުން، އެ ކުއްޖާގެ ބަޔާނަކީ ތެދު ކަމަށް ގަބޫލު ކުރަން ބާރު ލިބޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި އެ ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާ ލިބުނު ކަމަށް ޑޮކްޓަރުންގެ ލިޔުންތަކުން ވެސް އެނގޭ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ދޮންބައްޕަ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!